ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކާ ދެކޮޅަށް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، ސ. މަރަދޫއިން 58 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ސ. މަރަދޫ / ފާގަތިގެ ބަލައިފާސްކުރިއިރު ވަގަށް ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ޕަވަރ ޓޫލްސް، ކާޗަރ މެޝިން، ސްޕީކަރު، ލައިޓު އަދި އެހެނިހެން ހިފާގެންގުޅޭ ސާމާނު ހިމެނެއެވެ. މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން ވަގަށް ނަގައިގެން ވިއްކާފައިވާ ތަކެތި ކަމަށްވާއިރު، އޭގެ ތެރެއިން ބައެއް ސާމާނު މިހާރު ވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / ފާގަތި، ޢަބްދުﷲ ޢުމަރު (58އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، ވަގަށްނަގައިގެން އެކި މީހުން ވިއްކާ ތަކެތި ނުގަތުމަށާއި، ތުހުމަތުކުރެވޭ އަދި ނުއަގުގައި ތަކެތި ވިއްކާނަމަ ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.



