މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ޕާކުކޮށްފައި އޮތް ކުޑަ ވޭނެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް މާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފައެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، އިންޑަސްޓްރިއަލް ޒޯނުގައި އޮތް ވޭނެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:08 ހާއިރުއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ލަސްނުކޮށް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން، ވޭނުގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހަވީރު 17:20 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް، އަލިފާން ރޯވި ވޭނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.



