ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ގެ ދަފްތަރުގައި ތެލަސީމިއާ ބަލީގެ މީހުން ރަޖިސްޓްރީވާ ނިސްބަތް އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އެގޮތުން މިހާރު އެންސްޕާގައި ތެލަސީމިއާއަށް ފަރުވާ ހޯދާ 526 މީހުން ރަޖިސްޓްރީވެފައިވާއިރު، ނިމިދިޔަ ޖޫން މަހު އެކަނިވެސް އަލަށް 7 ކުދިން ވަނީ ހިމެނިފައެވެ. ރަޖިސްޓްރީވާ މީހުން އިތުރުވާ މައިގަނޑު ސަބަބަކީ އެންސްޕާއިން ދޭ ޚާއްޞަ މާލީ އެލަވަންސް އެއީ ކޮންމެ ކުއްޖަކަށް 2،000 ރުފިޔާ ދޫކުރަން ފެށުމެވެ. އެގޮތުން ފާއިތުވި ޖޫން މަހު އެކަނިވެސް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ރެކޯޑުތަކަށް ބަލާއިރު، ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި ޖުމްލަ 978 މީހުން ހިމެނޭއިރު، އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 652 މީހުންނެވެ. މި ދަފްތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ 215 ކުދިންނެވެ. ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. 2023 އިން ފެށިގެން 2025 މެއި މަހުގެ ނިޔަލަށް ޖުމްލަ 40 ކުއްޖަކު އަލަށް ދަފްތަރުގައި ހިމެނިފައިވެއެވެ. އަތޮޅުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ތެލަސީމިއާ މީހުން ތިބީ ނ. އަތޮޅުގައެވެ އެއީ 13 ރަށަކުން 53 މީހުންނެވެ. އެންމެ މަދުން މ. އަތޮޅުގައި 3 މީހުން ތިބިއިރު، ވ. އަތޮޅުގައި މި ބަލީގެ އެއްވެސް މީހަކު ނެތެވެ.
ތެލަސީމިއާ ކުދިންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރު ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް، ޖުމްލަ 50 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަޝްރޫއެއް ވަނީ ފަށާފައެވެ. ޖުމްލަ 50 މިލިއަން ރުފިޔާ ޚަރަދުކުރާ މި މަޝްރޫއުގެ އިތުރުން، ކޮންމެ ކުއްޖަކަށް ދޭ 2،000 ރުފިޔާގެ އެލަވަންސަކީ ބޭހާއި އެހެނިހެން ބޭނުންތަކަށް ލުޔެއް ހޯދައިދިނުމަށް ދެވޭ އެހީއެކެވެ.



