Saturday, November 14
6 މަސް ތެރޭ މާލެއިން 10,000 އަށްވުރެ ގިނަ އުޅަނދު ޖޫރިމަނާކޮށްފި
މި އަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 އަށް މާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން 21,354 އުޅަނދު ބަލައިފާސްކޮށް، 10,878 ފަހަރު ޖޫރިމަނާކޮށް އަދި 8,740 ފަހަރު ނަސޭހަތް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 118 އުޅަނދު ފާސްކޮށް، 60 ޖޫރިމަނާ ކުރެވުނު އަދަދެކެވެ.

މަގުމަތީގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި މި މުއްދަތުގައި 998 ޗެކްޕޮއިންޓެއް ގާއިމުކޮށް، ސްކޫލް ސަރަހައްދުތަކާއި މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް 10,263 ހަރަކާތެއް ވަނީ ހިންގާފައެވެ. މީގެ އިތުރުން ޕާކިންގ މައްސަލަތަކުގައި އުޅަނދުތައް ޓޯކުރުމުގެ ކުރިން، އަމިއްލައަށް ނެގުމަށް އެދި ވެރިފަރާތްތަކަށް 23,608 ފޯނު ކޯލު ކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 3,417 އުޅަނދެއް (3,336 ސައިކަލާއި 81 ހަތަރުފުރޮޅުލީ އުޅަނދު) ޓޯކޮށްފައިވާއިރު، ރަސްމީ މުނާސަބަތުތަކާ ގުޅިގެން ނޯޓިސް ދިނުމަށްފަހު 1,080 އުޅަނދެއް ވަނީ އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އަދި ލައިސަންސް ނެތި ދުއްވި 1,052 ފަރާތަކަށް ފިޔަވަޅު އަޅައި، ރަޖިސްޓްރީ ނޫން ޒޯންގައި ދުއްވި 71 އުޅަނދަކާއި، ނުރައްކާތެރިކޮށް ދުއްވި 77 މައްސަލައެއްގެ އިތުރުން ފުލުހުންގެ ތަހުގީގުތަކާ ގުޅުންހުރި 348 އުޅަނދެއް ވަނީ ފާހަގަކުރެވިފައެވެ.

ކުރެވުނު 10,878 ޖޫރިމަނާ 59 ބާވަތެއްގެ ކުށަށް ބެހިފައިވާއިރު، އެންމެ ގިނައީ އަހަރީ ފީ މުއްދަތު ހަމަވެގެން ކުރެވުނު 2,249 ޖޫރިމަނާއެވެ. މީގެ އިތުރުން އިންޝުއަރެންސާއި ރޯޑްވާދިނަސް ހަމަވުމާއި، ލައިސަންސް ނެތި ދުއްވުމާއި، ޓްރެފިކް ނިޝާންތަކާ ހިލާފުވުމާއި، ނަންބަރު ޕްލޭޓްގެ މައްސަލަތަކާއި، ދުއްވަމުން ފޯނު ބޭނުންކުރުމުގެ އިތުރުން މުދާ އުފުލުމާއި ޓެކްސީ ކުރުމުގެ ގަވާއިދުތަކާ ހިލާފުވެގެންވެސް ގިނަ ފަރާތްތަކެއް ވަނީ ޖޫރިމަނާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު