ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް 30 ދުވަސް ތެރޭގައި ތަހުގީގުކޮށް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ރައްޔިތުންގެ މަޖިލީހުން އަންގައިފިއެވެ.
މިގޮތަށް ފާސްކުރީ ފެނަކައިގެ ރެކްރޫޓްމަންޓާއި ޕްރޮމޯޝަންތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުންނެވެ. މަޖިލީހުގެ ތަޅުމުން މި ރިޕޯޓް ފާސްވީ 56 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ނިންމުމުގައިވާ ގޮތުން، އޭސީސީގެ ތަހުގީގުން ފާހަގަވާ ކަންކަން 30 ދުވަސް ތެރޭ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަންޖެހޭއިރު، ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ކޮމިޓީއާ ހިއްސާކުރަންޖެހެއެވެ.
މީގެއިތުރުން، ފެނަކަ "ރައިޓް ސައިޒް" ކުރުމަށްޓަކައި 3 މަސް ދުވަހުގެ ތެރޭގައި "ޖޮބް އެނެލެސިސް" އެއް ހަދައި، ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށް ވަނީ އަންގާފައެވެ. އަދި އާންމުކޮށް އިއުލާނު ނުކޮށް ވަޒީފާ ނުދެވޭގޮތަށް ކުންފުނީގެ ގަވާއިދުތައް އިސްލާހުކޮށް، އެކަން 3 މަސް ތެރޭ މާލިއްޔަތު ކޮމިޓީއަށް އެންގުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



