ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން އިސްނަގައިގެން ވަރުގަދަކޮށް، ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު ދިޔަވެގެން އަޑިއަށްދިޔަ މި ކޮޅުވެއްޓީގައި ހާދިސާ ހިނގިއިރު 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި އެމްއެންޑީއެފް އެއާ ކޯއިން ވައިގެ މަގުން 3،182 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މީގެއިތުރުން ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އާއި ފާސްޓް އިންޓަސެޕްޓް ކްރާފްޓް ބޭނުންކޮށްގެން ކަނޑުމަގުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އަޑިއަށް ގޮސްގެން 675،120 އަކަ މީޓަރުގެ ސަރަހައްދެއްވެސް ބަލައި ފާސްކޮށްފައެވެ.
މިހާރުވެސް ހުއްޓުމެއްނެތި ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެ ދެ މީހުން އަދިވެސް ފެނިފައެއް ނުވެއެވެ.



