ސްރީ ލަންކާއަށް ދަތުރުކުރި މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ ބޯޓަކުން 17 ކޮންޓެއިނަރު ކަނޑަށް ވެއްޓިއްޖެއެވެ.
ލަންކާގެ "ޑެއިލީ މިރާ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. މާލެއިން ފުރައިގެން ކޮލަމްބޯއަށް ދަތުރުކުރި މި ބޯޓުން ކޮންޓެއިނަރުތައް ވެއްޓުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން، ކޮލަމްބޯ ޕޯޓުގެ ހުޅަނގުން 17 ނޯޓިކަލް މޭލު ދުރަށެވެ.
މި ހާދިސާއާ ގުޅިގެން ލަންކާގެ ފިޝަރީޒް ޑިޕާޓްމަންޓުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އޮޔާދާ ކޮންޓެއިނަރުތަކަށް ސަމާލުވުމަށް އެލާޓް ނެރެފައެވެ. އަދި އެ ކޮންޓެއިނަރުތައް ލަންކާގެ ބެރުވަލާ އާއި ނެގޮމްބޯގެ އައްސޭރިފަށަށް ލެއްގުމުގެ ފުރުސަތު ބޮޑުކަމަށް އިދާރާތަކުން ބުނެއެވެ.
ލަންކާ ނޭވީން އެ ސަރަހައްދުގެ ހާލަތު ބަލަމުންދާއިރު، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު އިން ވަނީ ކޮންޓެއިނަރެއް ފެނިއްޖެނަމަ އެކަން ރިޕޯޓުކުރުމަށް މަސްވެރިންނާއި ދަތުރުވެރިންގެ ކިބައިން އެދިފައެވެ.
މި މައްސަލައާ ގުޅިގެން އެމްއެސްއެސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.



