ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިވާން ފަށާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ބޮޑަށް ވިއްސާރަ ނުކޮށް ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވެއެވެ. ވައިގެ ރާސްތާއަށް ބަލާއިރު، މެދު ރާއްޖެތެރެއާއި އުތުރަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް މެދުރާއްޖެތެރެއާއި އުތުރަށް ދޭތެރެ ދޭތެރެއިން ވިއްސާރަކުރުން އެކަށީގެންވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.



