މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެއާއި، ސިނަމާލެ ބްރިޖު އަދި ހައިވޭގައި ޖުމްލަ 1،355 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ދުވާލަކަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓް ނުވަތަ މަހަކަށް ގާތްގަނޑަކަށް 226 އެކްސިޑެންޓެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ރެކޯޑުކުރެވުނީ 253 އެކްސިޑެންޓާއެކު ޖަނަވަރީ މަހުއެވެ. އަދި އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހު 191 އެކްސިޑެންޓް ކަމަށްވާއިރު، ޖަނަވަރީ މަހާ އަޅާބަލާއިރު ޖޫން މަހު ހިނގި އެކްސިޑެންޓްގެ އަދަދު ވަނީ 18.97 އިންސައްތަ ދަށްވެފައެވެ. ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އެއީ 1،128 އެކްސިޑެންޓެވެ. ބްރިޖާއި ހައިވޭ ސަރަހައްދުގައި ރެކޯޑުކުރެވުނީ 227 އެކްސިޑެންޓެވެ.
އަދި ވަގުތަށް ބަލާއިރު، ދުވާލުގެ ވަގުތުތަކުގައި ހިނގި އެކްސިޑެންޓްގެ އަދަދު 901 އުޅެނީ ރޭގަނޑު ހިނގި އަދަދަށް 454 ވުރެ ގާތްގަނޑަކަށް ދެގުނަ އިތުރުކޮށެވެ. މި ހާދިސާތަކުގައި 1،322 މީހަކަށް ކުދިކުދި އަނިޔާ ލިބި، 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 2 މީހަކު ވަނީ މަރުވެފައެވެ.



