Saturday, October 31
އާންމު ފިހާރަތަކުގައި ބޭސް ވިއްކުން މަނާކުރާ ގަވާއިދެއް އެމްއެފްޑީއޭއިން އާންމުކޮށްފި

 

އާންމު ވިޔަފާރިކުރާ ތަންތަނުގައި ބޭހާއި ބޭހުގެ މާއްދާތައް ހިމެނޭ ބާވަތްތައް ވިއްކުން މަނާކުރާ ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އާންމުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި މި ގަވާއިދަށް އޮކްޓޫބަރު 22 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މިއީ ރާއްޖޭގައި ބޭނުންކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށް، ބޭސް ވިއްކުމުގެ ނިޒާމު ވަކި އުސޫލެއްގެ ތެރެއިން ހަރުދަނާކުރުމަށް އެކުލަވާލި ގަވާއިދެކެވެ.

އާ ގަވާއިދުގައިވާ ގޮތުން، ބޭސް ވިއްކުމުގެ ހުއްދަ ނެތް އެއްވެސް އާންމު ފިހާރައެއްގައި ބޭހުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. އަދި އެމްއެފްޑީއޭގެ ހުއްދައާ ނުލައި ބޭހުގެ މާއްދާތައް ހިމެނޭ ތަކެތި ރާއްޖެ އެތެރެކުރުމާއި، ރީޓެއިލް ބޭސްފިހާރަތަކުން ހޯލްސޭލްކޮށް ބޭސް ވިއްކުމާއި، ބޭސް އުފުލުމުގެ ހިދުމަތް ދިނުންވެސް މި ގަވާއިދުގެ ދަށުން މަނާވާނެއެވެ.

މީގެއިތުރުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި، ގަޑުބަޑުކޮށްފައިވާ ނުވަތަ ނަކަލު ބޭހުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އެހެނިހެން އިދާރާތަކުން މަނާކޮށްފައިވާ ބޭސްތައް ރާއްޖެ އެތެރެކުރުމާއި އިސްތިހާރުކޮށް ވިއްކުން ވަނީ ހަރުކަށިކޮށް މަނާކޮށްފައެވެ.

މި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަ މަރުހަލާގައި ނަސޭހަތްދީ އިސްލާހުވާން މުއްދަތެއް ދިން ނަމަވެސް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ. އަދި ދޫކޮށްފައިވާ ހުއްދަ ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓުން ނުވަތަ ބާތިލުކުރުމުގެ އިތުރުން، ސައްހަ ނޫން މައުލޫމާތުދޭ ފަރާތްތައް ބްލެކްލިސްޓު ކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ވަނީ ދީފައެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު