ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީގައި މިނިވަންކަމަށް ނުރައްކާވާ ފަދަ އެތައް ކަމެއް ހިނގަމުންދިޔަ ނަމަވެސް، އެއްވެސް ބިރެއް ނެތި އަދި ފަސްޖެހުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ދެއްވައިފިއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން "އިމާދުއްދީން" މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙިލްމީ ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައުންޑަރީ ކައިރީގައި ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާއިރު، އެ ނުރައްކާތައް މިހާރު ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ވެސް ފޯރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޙިލްމީ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމަށްޓަކައި އެތެރޭގެ އިތުރުން ބޭރުން ކުރިމަތިވާ ނުރައްކާތަކަށް ވެސް ސަމާލުވާންޖެހެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ވަރުގަދަ އަސްކަރީ ބާރެއް އޮތުން މުހިންމުކަން ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު، އަންނަ ނޮވެމްބަރު 3 ގެ ކުރިން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް 20 އިންޓަސެޕްޓަރު އުޅަނދު ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސިފައިންގެ ޚިދުމަތަށް އަލަށް ގުޅުނު "އިމާދުއްދީން" މަނަވަރަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ކުރެއްވި މަސައްކަތުގެ ދަށުން އޮސްޓްރޭލިއާއިން ބަނދެގެން ހަދިޔާކުރި މުޅިން އައު މަނަވަރެކެވެ. އޮސްޓްރޭލިއާގެ އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި އުޅަނދަށް "އިމާދުއްދީން"ގެ ނަމުން ނަންދީފައިވަނީ، ރާއްޖޭގެ ދިފާއު ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނައަށް ނިސްބަތްކޮށެވެ. މިއީ ކަނޑުމަތީގެ އޮޕަރޭޝަންތައް ފުޅާދާއިރާއެއްގައި ހިންގުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ މަނަވަރެކެވެ.



