ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން، ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި އޮސްޓްރޭލިއާގެ ހާއްސަ މަންދޫބު ސްޕެޝަލް އެންވޯއީ އޮފް ދަ އިންޑިއަން އޯޝަން ޓިމް ވަޓްސް، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ މެދު މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، ތައުލީމީ ދާއިރާގެ އިތުރުން ވިޔަފާރިއާއި ފަތުރުވެރިކަން ހިމެނެއެވެ.
މި ބައްދަލުވުމުގައި ހާރިޖީ ވަޒީރު އިރުތިޝާމް ވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަން ހާސިލުކުރުމުގައި އެކުގައި ކުރިއަށްދިއުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.
ކަނޑުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު އޮސްޓްރޭލިޔާއިން ވަނީ ރާއްޖެއަށް ނޭވީ މަނަވަރެއް ހަދިޔާކޮށްފައެވެ. އަދި ފެބްރުއަރީ އާއި މެއި މަހުގެ ތެރޭގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވެއެވެ. މީގެއިތުރުން، ފަތުރުވެރިކަމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި، މޯލްޑިވިއަނުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ސީދާ ދަތުރުތައް މިއަހަރު ފަށާފައެވެ.



