ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާން، މިއަދު ލޮނުޒިޔާރައިޕާކުގައި ބޭއްވި ގަސްއިންދުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ވަނީ ދިވެހި ސަރުކާރަށް 10 ގަސް ހަދިޔާކުރައްވާފައެވެ. އަދި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ބަންގްލަދޭޝް ސަރުކާރުން އިތުރު 20,000 ގަސް ހަދިޔާކުރާނެކަން އިއުލާނުކުރެއްވިއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ އިރުތިޝާމް އާދަމް އާއި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ހިޒް އެކްސެލެންސީ އަލީ ޝަރީފް ވަނީ، ތިމާވެށީގެ ރައްކާތެރިކަމާއި ދިރުންތަކުގެ ނަސްލު ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2025 ޖޫން 5 ގައި ލޮނުޒިޔާރައިޕާކުގައި އިފްތިތާހުކޮށްދެއްވި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފޮރިން މިނިސްޓަރ އިރުތިޝާމް އާއި މިނިސްޓަރ އަލީ ޝަރީފް ވަނީ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނަށާއި އެ ޤައުމުގެ ސަރުކާރަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި މި ހަދިޔާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމަށް އޮތް އިސްނެގުން ރަމްޒުކޮށްދޭ ކަމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތާއެކު ރާއްޖެއާއި ބަންގްލަދޭޝްގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ބަދަހި ގުޅުން އަލުން ކަށަވަރުވެ، އަންނަން އޮތް ޖީލުތަކުގެ ފާގަތިކަމަށްޓަކައި ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމީ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ އަމާޒު ވަނީ ހާމަވެގެންގޮސްފައެވެ.



