ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާކަން ފާހަގަކުރައްވައި، މިކަމުގައި ހުރި ގޮންޖެހުންތައް ގިރާކޮށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުން އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޒުވާނުންގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން، ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވައި، އިޤްތިޞާދީ އަދި ތަޢުލީމީ ގޮތުން ޒުވާނުން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރުގެ ފުރުޞަތުތައް ފުޅާދާއިރާއެއްގައި ތަރައްޤީކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މާލޭގެ އިތުރުން ރަށްރަށުގައި ކުރިއަށްދާ މިފަދަ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައިވެސް ވަށާޖެހޭ ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާކަން ހާމަކުރެއްވިއެވެ.
ޒުވާނުންގެ އާމްދަނީ އިތުރުކޮށް ވިޔަފާރީގެ ތެރޭގައި ބައިވެރިވުން ބޮޑުކުރުމަށްޓަކައި ޚާއްޞަ ލޯން ސްކީމްތަކެއް ތަޢާރަފުކުރެވެމުންދާއިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ އަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުންކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ނިމެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ވަޒީފާއާއި ވިޔަފާރީގެ ދާއިރާއިން ދިވެހިންނަށް އިސްކަންދީ، ތަޢުލީމީ އަދި ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި، ކުރިއަށްދާނެ މަގުތައް ފަހިކޮށްދިނުމުން އެދެވޭ ބޮޑު ނަތީޖާއެއް ހާސިލުވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.



