ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދީފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ދިނެޝް ކުމާރު މުރްގެސަން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން މި ހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެ ފޭސް 1 ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 18 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދިރިއުޅެމުންދިޔަ ތަން ބަލައިފާސްކުރިއިރު، އިތުރު 53 ފުޅި ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 3 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



