ބޭންކް އޮފް މޯލްޑިވްސް ގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އީޖާދީ ހިދުމަތްތަކާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ފިނަސްޓްރާގެ "އެސެންސް" ޕްލެޓްފޯމް ބޭނުންކުރަން ނިންމައިފިއެވެ. މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ފިނަސްޓްރާއިން އިއުލާންކުރި ގޮތުގައި، ބީއެމްއެލްގެ ކޯބޭންކިން ނިޒާމު "އެސެންސް" އަށް ބަދަލުކުރުމުން އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުވެ، މެދުކެނޑުމެއް ނެތް އަވަސް ޚިދުމަތްތަކެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެއެވެ.
މި ޕްލެޓްފޯމް ގާއިމުކުރުމުން ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން ބޭންކުން ފޯރުކޮށްދޭ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފިނަސްޓްރާ އެސެންސްއާއެކު ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ބިންގަލެއް އެޅިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަންވެސް ވަނީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ ބީއެމްއެލްގެ ޚިދުމަތްތައް ޒަމާނީ ކުރުމުގައި ބައިވެރިވެވޭތީ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ ބީއެމްއެލްއިން މި ޕްލެޓްފޯމް އިޚްތިޔާރުކުރުމުން އެ ކުންފުނީގެ ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަސޭހަކަން ހާމަވެގެންދާ ކަމަށާއި، ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް ތައްޔާރަށް ތިބި ކަމަށެވެ.
ބީއެމްއެލްއިން ފިނަސްޓްރާ އެސެންސް އިޚްތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އިތުރުން ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރަށް ބަލާފައެވެ.



