މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ އެކަށީގެންވާ ތަނެއް ނެތް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އޭޕްރީލް މަހު މައްސަލަ ބޭރުކޮށްލާފައެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންވެސް، އެ ކޯޓުގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކުރުމަށެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވި ނަމަވެސް، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ކަމަށެވެ.
ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުގައި މިހާރު ވަނީ އަޑުއެހުންތައް ފަށާފައެވެ. ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، ސިއްރުކޮށްގެން ކުރިއަށްދާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އިއްޔެ ހެނދުނު 10:30 ގައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.






