އެމެރިކާއިން ޖެހިޖެހިގެން ހަތްވަނަ ރޭވެސް އީރާނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ގަލްފުގެ ޤައުމުތަކަށް ރައްދު ޙަމަލާދޭން ފަށައި، މުޅި މެދުއިރުމަތި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލައިފިއެވެ. ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ވެފައިވާ ނާޒުކު ސުލްޙައިގެ އެއްބަސްވުން ރޫޅުނުތާ ހަފްތާއެއް ފަހުން ހަނގުރާމަ ވަނީ މުޅިން އާ ހިސާބަކަށް ވަރުގަދަވެފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކާއި، ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރާއި، ބިމުގެ އަޑީގައި ހުރި ހަތިޔާރު ގުދަންތަކަށް އަމާޒުކޮށް ފައިޓަރު ޖެޓްތަކާއި ޑްރޯން ބޭނުންކޮށްގެން ބޮޑެތި ޙަމަލާތަކެއް ދީފައެވެ.
މި ހަމަަނުޖެހުންތަކާއެކު ދެ ފަރާތުން ވެސް ވަނީ ކަނޑުދަތުރުފަތުރަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެމެރިކާއިން އީރާނަށް ކަނޑުގެ ބްލޮކޭޑެއް ތަންފީޒު ކުރަމުންދާކަން އިޢުލާންކޮށްފައިވާއިރު، ރައްދުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ސަޕްލައިކުރާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ހަތަރު އުޅަނދެއް ހިފަހައްޓާފައެވެ. އީރާނުން ވަނީ އެމެރިކާގެ އުދުވާނީ ޙަމަލާތައް ނިމުމަކަށް އަންނަންދެން އެ ސަރަޙައްދުން "ތެލާއި ގޭހުގެ އެންމެ ތިއްކެއް" ވެސް ބޭރު ނުކުރެވޭނެ ކަމުގެ އިންޒާރު ދީފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 4 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އަންނަ ނޮވެމްބަރު މަހު ބާއްވާ ކޮންގްރެސް އިންތިޚާބަށް ތައްޔާރުވަމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ސިޔާސީ ގޮތުން ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ރައީސް ޓްރަމްޕް ވަނީ އީރާނުގެ އިންފްރާސްޓްރަކްޗަރަށް ފުޅާދާއިރާއެއްގައި ޙަމަލާދިނުމުގެ އިތުރުން އެއްގަމު މަގުން އެގައުމަށް އެރުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޙަމަލާތަކުގައި ޖާސްކް ސިޓީގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށާއި ފެން ސާފުކުރާ ޕަންޕުތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، ބޯފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން ހޮރްމޮޒްގާން ޕްރޮވިންސްގެ ފާލަންތަކަށާއި މަގުތަކަށް ގެއްލުން ލިބި، 3 މީހުން މަރުވެ 8 މީހުން ޒަޚަމްވެފައިވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މަދަނީ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ޙަމަލާތަކާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމެރިކާގެ ވައިގެ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް އީރާނުން ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ކުވައިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް ޑްރޯން ޙަމަލާތަކެއް ދީފައިވާއިރު، ބަހްރޭންގައި ހުރި އެމެރިކާގެ ޑްރޯން ގުދަނަކަށާއި އެގައުމުގެ މައި އޭއައި ސެންޓަރަށް ބެލިސްޓިކް މިސައިލުން ވަނީ ޙަމަލާދީފައެވެ. ސައުދީ އަރަބިއްޔާއިން ވެސް ވަނީ ސަލާމަތީ އިންޒާރު ނެރެފައެވެ.
މިވަގުތު މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި އެމެރިކާގެ 50,000 އަށްވުރެ ގިނަ ސިފައިން ފާރަވެރިކަމާއެކު ތައްޔާރަށް ތިބިއިރު، އީރާނުގެ މި ރައްދާއެކު މުޅި ސަރަޙައްދު ވަނީ ފުރިހަމަ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ. ކަނޑުގެ ސަރަޙައްދުގައި ވެސް މިސައިލް ޙަމަލާތަކާއި އުޅަނދުތައް ހިފެހެއްޓުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.



