ތިމާވެއްޓާ ރައްޓެހި، ސާފު ހަކަތަ ބޭނުންކޮށްގެން ދުއްވާ ހައިޑްރޮޖަން ރޭލުތައް އޮޕޭރޭޓްކުރާ ދުނިޔޭގެ މަދު ޤައުމުތަކުގެ ސަފުން އިންޑިއާއިން ޖާގަ ހޯދައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު އެ ޤައުމުގެ ފުރަތަމަ ހައިޑްރޮޖަން ރޭލުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމާއެކު، އިންޑިއާ ވެފައިވަނީ ވިހަ ގޭސް ބޭރުނުކުރާ މި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފެށި ޚާއްޞަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމަށެވެ.
މިއާއެކު ޖަރުމަނުވިލާތް، ޖަޕާން، ޗައިނާ އަދި އެމެރިކާ ފަދަ މިފަދަ ރޭލުތައް ބޭނުންކުރާ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުން އިންޑިއާއަށް ވަނީ ޖާގަ ލިބިފައެވެ. އާދައިގެ ޑީސަލް އިންޖީނުތަކާ ޚިލާފަށް، މި ރޭލުތައް ދުވާއިރު ތިމާވެއްޓަށް ބޭރުވަނީ ހަމައެކަނި ހޫނާއި ފެން އާވިއެވެ. މި ރޭލުގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އުތުރުގެ ހަރިޔާނާ ސްޓޭޓްގެ ޖިންދު އާއި ސޯނިޕަޓް ސިޓީއާ ދެމެދުގައެވެ.
ޖުމްލަ 10 ކޯޗު ހިމެނޭ އަދި އެއްފަހަރާ 2,600 ފަސިންޖަރުންގެ ޖާގަ އެކުލެވިގެންވާ މި ރޭލު ދުވާލަކު ދެ ފަހަރު ދަތުރުކުރާނެއެވެ. 90 ކިލޯމީޓަރު (55 މޭލު) ގެ މި ދަތުރު އިފްތިތާހުކޮށްދެއްވުމަށްފަހު ބޮޑުވަޒީރު މޯދީ ވިދާޅުވީ، "ރޭލުގެ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމަށާއި، ޚަރަދުތައް ކުޑަކުރުމުގެ އިތުރުން މި ތިމާވެއްޓާ ރައްޓެހި ރޭލު ނެޓްވޯކް އިތުރަށް ފުޅާކުރުމަށް އިންޑިއާއިން މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާނެ" ކަމަށެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކުރިއަރާފައިވާ ޕްރޮޕަލްޝަން ޓެކްނޮލޮޖީއާއި، ޚާއްޞަ ހައިޑްރޮޖަން ސްޓޯރޭޖް، ރީފިއުލިން އަދި އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އެކުލެވިގެންވާ ވަރަށް ފުރިހަމަ މަޝްރޫޢެއް ކަމަށެވެ. ސީދާ އިންޑިއާގައި ފަރުމާކޮށް، އިންޖިނިއަރިންގ މަސައްކަތް ނިންމައި ބިނާކޮށްފައިވާ މި ރޭލަކީ 1,200 ކިލޯވޮޓްގެ ހައިޑްރޮޖަން ފިއުލް ސެލް ޕްރޮޕަލްޝަން ސިސްޓަމަކުން ދުއްވާ ރޭލެކެވެ. މި ރޭލު އެންމެ ބާރަށް ދުވާއިރު ގަޑިއަކު 75 ކިލޯމީޓަރުގެ ދުވެލީގައި ދަތުރުކުރާނެއެވެ.
މި މަޝްރޫޢަކީ 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ރޭލު ދަތުރުފަތުރުގެ ނިޒާމަކީ ކާބަން އެއްގޮތަކަށްވެސް ބޭރުނުކުރާ ނިޒާމަކަށް ހެދުމަށް އެ ޤައުމުން ކަނޑައަޅާފައިވާ ބޮޑު ލަނޑުދަނޑީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ރޭލު ނެޓްވޯކް ކަމަށްވާ އިންޑިއާގެ 70,000 ކިލޯމީޓަރުގެ ބްރޯޑް-ގޭޖް ނެޓްވޯކްގެ ގާތްގަނޑަކަށް ހުރިހާ ސަރަޙައްދެއްގައި މިހާރު ވެސް ވަނީ ކަރަންޓުން ރޭލު ދުއްވޭ ގޮތް ހަދާފައެވެ.



