އިރާޤުގެ ތެޔޮ ބޭރުކުރުމުގައި ހޮރްމޫޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމުގެ މަޤްޞަދުގައި، ހުޅަނގުގެ ބޮޑެތި ތެޔޮ ކުންފުނިތަކާއެކު އެތައް ބިލިއަން ޑޮލަރެއްގެ ތާރީޚީ އެއްބަސްވުންތަކެއްގައި އިރާޤު ސަރުކާރުން ސޮއިކޮށްފިއެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް އިރާޤު-ސީރިއާ ހޮޅިގަނޑު އަލުން މަރާމާތުކޮށް ހުޅުވުމުގެ މުހިންމު މަޝްރޫޢެއް ހިމެނެއެވެ.
އެމެރިކާގެ ވޮޝިންގޓަންގައި ބޭއްވުނު "ޔޫ.އެސް-އިރާޤު ބިޒްނަސް ސަމިޓް" ގައި މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫޢުގެ ދަށުން އިރާޤުގެ ކިރްކޫކުން ފެށިގެން ސީރިއާގެ ބަނިޔާސް ބަނދަރާ ހަމައަށް ތެޔޮ ފޮނުވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އިރާޤުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ މަޝްހޫރު ތެޔޮ ކުންފުނި "ޗެވްރޮން" އިން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ މި ހޮޅިގަނޑު މަރާމާތުކޮށް ނިމުމުން، ދުވާލަކު 2 މިލިއަން ފީފާގެ ތެޔޮ ސީދާ މެޑިޓަރޭނިއަން މާކެޓަށް ފޮނުވުމުގެ ޤާބިލުކަން އިރާޤަށް ލިބިގެންދާނެ ކަމަށެވެ.
ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބަރަކް މިކަމާ ގުޅޭގޮތުން ވިދާޅުވީ، "މި އެއްބަސްވުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅީގެ ބޭނުންތެރިކަން މާޒީއަށް ވެގެންދާނެ" ކަމަށެވެ. މިއީ ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރުގައި އިރާޤުގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ތެޔޮ ސިނާޢަތުގެ އިތުރުން، އިރާޤުން ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އީލޮން މަސްކްގެ "ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް އިރާޤުގައި ދިނުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން އެކި ދާއިރާތަކުން ވެފައިވާ މި އެއްބަސްވުންތަކުގެ ޖުމްލަ އަގު 60 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައެވެ.
ސަމިޓުގައި ވާހަކަދައްކަވަމުން އިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ވިދާޅުވީ، އިރާޤުން ގެންގުޅެނީ ހުޅުވާލެވިފައިވާ އިޤްތިޞާދީ ސިޔާސަތެއް ކަމަށާއި، ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް އިރާޤުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ. މި މަޝްރޫޢުތަކާއެކު އިރާޤުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.



