މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ، ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މި ގޮތަށް ނިންމާފައިވަނީ 08 ޖުލައި 2026 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 22 ވަނަ ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.
ޖޭއެސްސީން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ބަލާއިރު، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ މަޤާމުން ދުރުކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިޢާޔަތްކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ލ) ގެ ދަށުން 60 ދުވަހުގެ މުއްދަތަށް އޭނާ ވަނީ ސަސްޕެންޑް ކުރެވިފައެވެ.
މި ސަސްޕެންޝަނަށް އަމަލުކުރަން ފަށާފައިވަނީ 08 ޖުލައި 2026 އިން ފެށިގެންނެވެ.



