ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމުގެ މަޤާމަށް ގއ. ދާންދޫ، ޒައިނާ ޢަބްދުﷲ ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި މަޤާމަށް ޒައިނާ އައްޔަންކުރަން ފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އެއްވެސް މެންބަރަކު ނެތެވެ.
ޒައިނާ އަކީ ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީސީބީގެ މެންބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަޤާމުގައެވެ. މީގެ އިތުރުން، މީގެ ކުރިން އޭނާ ވަނީ ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މީގެ އިތުރުން ޒައިނާ ވަނީ އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭއިން ބެޗްލަރސް އޮފް ކޮމާސް ހާސިލު ކުރައްވާފައެވެ. އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަ ކުރައްވާފައެވެ.



