Saturday, October 31
މާއެނބޫދޫގައި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށައިފި

ދ. މާއެނބޫދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށު އިންޖީނުގޭގައި 400 ކިލޯވޮޓްގެ އައު ޖެނެރޭޓަރެއް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަކީ މާއެނބޫދޫގެ ކަރަންޓު ނެޓްވޯކްގެ ޤާބިލުކަން އިތުރުކޮށް، މެދުކެނޑުމެއްނެތި އިތުބާރުހުރި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޖެނެރޭޓަރު ބެހެއްޓުމަށް ބޭނުންވާ ފަންނީ ތައްޔާރީތަކާއި އިންސްޓޯލްކުރުމުގެ އެކި މަރުހަލާތަކެވެ.

މާއެނބޫދޫއަކީ ދޭތެރެ ދޭތެރެއިން ކަރަންޓުގެ ދަތިކަން ކުރިމަތިވަމުންދާ ރަށަކަށްވުމާއެކު، އަލަށް މި އިންސްޓޯލްކުރެވޭ 400 ކިލޯވޮޓްގެ ޖެނެރޭޓަރާއެކު ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެގެންދާނެއެވެ.

ފެނަކައިން ބުނެފައިވަނީ މި މަސައްކަތް އެއްކޮށް ނިމުމާއެކު، ރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު