އާދިއްތަ, November 8
ފެނަކައިގެ މުވައްޒަފުންނަށް އިސްލާމީ ރިވެތި އަހުލާގާއި ސުލޫކަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މަސައްކަތުގެ މާހައުލުގައި އިސްލާމީ ރިވެތި އަހުލާގައި ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ހިންގާ ހާއްސަ ތަމްރީން ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ.

"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމަކީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި، ޖަމްއިއްޔަތުއްސަލަފްގެ އުޔޫން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ތަމްރީން ފްރޮގްރާމުގެ ފުރަތަމަ ބުރުގައި ފެނަކަ ހެޑް އޮފީހުގެ 17 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ފެނަކައިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިސްލާމީ ރިވެތި އަހުލާގާއި ސުލޫކީ މިންގަނޑުތަކަށް ތަބާވާ ބަޔަކަށް ހެދުން ކަމަށެވެ.

އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާ އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިމަތިލާނެ ގޮތްތައް މުވައްޒަފުންނަށް އުނގަންނައިދިނުމަކީވެސް މި ތަމްރީނުގެ މުހިންމު މަގްސަދެކެވެ.

މިޕްރޮގްރާމުގެ ސެޝަންތައް ނަގައިދެއްވާނީ އެ ކަމުގެ ފަންނީ ހުނަރު ހުރި ބޭފުޅުން ކަމަށް ފެނަކައިން ބުނެއެވެ.

އަދި މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ހެޑްއޮފީހުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފެށި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ފެނަކަ ބްރާންޗުތަކުގެ މުވައްޒަފުންނަށްވެސް މި ތަމްރީން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ފެނަކައިން ދެމުންގެންދާ ޚީދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުންފުނި ރައިޓްސައިޒު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތެއް ކުރަމުން އަންނައިރު މި ކަމަށް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަންވެސް ފެނަކައިން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު