ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ވިޔަފާރީގެ މާހައުލާ ގުޅޭގޮތުން ޖަޕާނުގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޚާއްޞަ ވެބިނާއެއް މި ޖުލައި މަހުގެ 23 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއި ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ގުޅިގެން އިންތިޒާމުކުރާ މި ވެބިނާ ކުރިއަށްދާނީ ޖަޕާން ގަޑިން އެ ދުވަހުގެ 14:00 އިން 15:30 އަށް އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ.
މި ވެބިނާގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އެންމެ ފަހުގެ އިޤްތިޞާދީ ހާލަތާއި، ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް ޖަޕާނުގެ އިންވެސްޓަރުންނަށް ތަޢާރަފުކޮށްދިނުމެވެ. އަދި ރާއްޖޭގައި ވިޔަފާރި ފެށުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ޙިއްޞާކުރެވޭނެއެވެ.
ވެބިނާ ހުޅުވައިދެއްވާނީ ޖެޓްރޯގެ ޑައިރެކްޓަރ އަކިކޯ އޮކުމޫރާ އާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިލްތިޝާމް އާދަމް އެވެ. މި ބައްދަލުވުމުގެ ކީނޯޓް ސްޕީޗް ދެއްވާނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އެވެ. މީގެ އިތުރުން ޖަޕާނުގެ މިނިސްޓްރީ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީގެ އެސިސްޓަންޓް ސެކްޝަން ޗީފް ހިރޯމީ ސުމީ ވެސް މި ވެބިނާގައި ވާހަކަފުޅު ދައްކަވާނެއެވެ.
މި ވެބިނާގައި ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑާއި ޖަޕާނު ކުންފުނިތަކުގެ ހަރަކާތްތަކާ ގުޅޭގޮތުން ޖެޓްރޯ ކޮލަމްބޯގެ ޑައިރެކްޓަރ ދައިސުކޭ ޝިކާމާ މަޢުލޫމާތު ދެއްވާނެއެވެ. އަދި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ޖައިކާ އިން ވެސް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ ލެކްޗަރތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުން ނިންމާލުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރުމީކޯ އިޝިގާމީ އާއި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަޙްމަދު މަޚްލޫފް ވާހަކަފުޅު ދައްކަވާނެއެވެ.
މުޅިން ހިލޭ ބައިވެރިވެވޭ މި ވެބިނާގައި ފުރުސަތު އޮތީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 200 ފަރާތަކަށެވެ. މި ވެބިނާގައި ވަގުތުން ތަރުޖަމާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާތީ، ބައެއް ބައިތައް އިނގިރޭސި ބަހުން ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.


