Wednesday, October 21
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ވަޒީރު ފުލުހުންނަށް ގޮވާލައްވައިފި
ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވައި، އެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ޤައުމީ މިޝަން އެންމެ ފުރިހަމައަށް ކާމިޔާބުކުރުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން  އިލްތިމާސްކުރައްވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރެއްވި ގޮތުގައި، ވަޒީރު މި ބަސްފުޅުތައް ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވުނު، ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅާ ޙަވާލާދީ ފުލުހުންގެ އިދާރާއިން ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ ދިރިއުޅުން ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އޭގެ އިތުރުން މުޅި މުޖުތަމައުގައި ހިންގާ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި އޮގަނައިޒްޑް ކްރައިމްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ނުވަތަ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ނާޖާއިޒު ވިޔަފާރީގެ ތެރެއިންނެވެ. ވަޒީރު ވިދާޅުވީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ވަރުގަދަ، އަދި އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓައިގެން ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުން ވަނީ ފަޚުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އަދި އަލަށް ގުޅުނު އޮފިސަރުންނާއެކު ކުރެވޭ ހިތްވަރުގަދަ މަސައްކަތުން، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނަ އޮފިސަރުންނަށް ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޑްރަގް ޓްރެފިކް ކުރާ ފަރާތްތަކުން ފައިސާގެ މުއާމަލާތްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ސައިބަރ ސްޕޭސް އަދި އޮންލައިން ފްރޯޑުގެ އިތުރުން ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިންގގެ ކުށްތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން ފުލުހުން ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތަކުގެ އެހީގައި މިކަންކަމަށް ތައްޔާރުވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހުންގެ އެންމެ ބޮޑު ބާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭ ނޫންކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދޭނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އަދި ހިތްތިރިކަމާއެކު ޚިދުމަތްކޮށްގެންކަން ވަޒީރު ހަނދާންކޮށްދެއްވި ކަމަށް ފުލުހުން ބުންޏެވެ. އަދި އޮފިސަރުންގެ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ގެއްލުވާލާ ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ހާމަކުރައްވަމުން، ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، ޓެކްނޮލޮޖީގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ފުލުހުން ގާއިމުވެ ތިބޭ ކޮންމެ ރަށެއްގައި ފުރިހަމަ އުމްރާނީ ވަސީލަތްތަކާއެކު ޒަމާނީ މަރުކަޒުތައް ބިނާކޮށްދެއްވާނެ ކަމުގެ ކޮމިޓްމަންޓް ވަޒީރު ދެއްވިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު