ހުއްދަނެތި އަދި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރި ތުހުމަތުގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިއަދު، އޮކްޓޫބަރު 20 ވަނަ ދުވަހު ބަންދުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އާއި ބަންގްލަދޭޝައަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާ ކަމަށެވެ.
އެ ދެ މީހުން އަތުލައިގަނެފައިވަނީ ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުންނެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން މިހާރުވެސް ކުރިއަށް ގެންދާއިރު، އެ ދެ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަޙުޤީޤަށް ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކާ ބެހޭ މަޢުލޫމާތު، އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ފޮނުވޭނެއެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.






