އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި، ފިހާރަތައް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ގޮވާލި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ސޯޝަލް މީޑިއާގައި އާންމުވި އެ ޕޯސްޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި ޕޯސްޓު ކޮށްފައިވަނީ މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުން ފެނިފައިވާ، އާންމުންގެ ތެރޭގައި "ޑެތް" ނަމުން މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ އެ ޕޯސްޓު ކޮށްފައިވަނީ 100 އަހަރަށް ބިންތައް ކުއްޔަށް ދޭ މައްސަލައާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
އެ ޕޯސްޓުގައި، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށާއި، އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖެހުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ފިހާރައެއްގެ ނަން ފާހަގަކޮށް، ފިހާރަތައް ލޫޓުވުމަށް ވެސް ހިތްވަރު ދީފައިވެއެވެ.
މިއަދު ފުލުހުން ވަނީ، ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ހައްޔަރުކޮށްފައެވެ.






