Tuesday, October 20
ދައުލަތުގެ މުހިންމު އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން ހައްޔަރުކޮށްފި

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ފުލުހުން ހައްޔަރުކޮށްފިއެވެ.

ޒިހާން ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. ޝިޔާމް ވިދާޅުވީ، ޒިހާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފުވައްމުލައް ސިޓީން ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ހިންގަމުންނެވެ.

ޒިހާން މިކަމަށް ގޮވާލީ އޭނާގެ ފޭސްބުކް އެކައުންޓުން އިނގިރޭސި ބަހުން ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަދި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ވެސް އޭނާގެ ސްޓޭޓަސްގައި ލިޔެފައިވެއެވެ.

ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފައެވެ.

ފުލުހުން މިއަދު ކުރިން ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގައި ބަޔާންކޮށްފައިވާ ގޮތުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ބޮޑު ޖިނާއީ ކުށެކެވެ. އެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް އަންނާނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅެވެ. އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދެއްވިއެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ. އޭގެ ފަހުން އޭނާ އަންނަނީ މި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު