ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމުގެ ތާރީޚީ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު މިރޭ ވަނީ ޝަރަފްވެރިކޮށްދެއްވައިފައެވެ. ރައީސް މުޢިއްޒު ރަސްމީކޮށް ކަނޑައެޅުއްވި މި ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި، ބައިނަލްއަޤުވާމީ ފެންވަރުގެ ޝަރަފުވެރި އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕ ލީޑަރ ޔުނިޓް އެވޯޑް" ރާއްޖޭގެ 14 ގައިޑަރަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަވާލުކޮށްދެއްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ގަރލް ގައިޑް ޚިދުމަތަށް 75 އަހަރު ފުރޭ މި އަހަރު، ސަރުކާރުން ރަސްމީކޮށް މި ދުވަސް ފާހަގަކުރަން ފެށުމަކީ މި ޙަރަކާތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި ޤައުމު ބިނާކުރުމަކީ މީހުން ބިނާކުރުންކަމާއި، މީހުން ބިނާކުރާ އިރު، އަންހެނުންނާއި ފިރިހެނުން ހަމަހަމަކޮށް ބިނާކުރަން ޖެހޭކަން ފާހަގަކުރައްވާ، އެކަމަނާ އިތުރަށް ވިދާޅުވީ، ގަރލް ގައިޑުން އުފައްދައި ދެމެހެއްޓެމުން އެކަން ހިމެނިގެންދަނީ މީހުން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، އަންހެނުން ބިނާކުރުމަށް ކުރެވޭ ވަރަށް އަގުހުރި ޚިދުމަތެއްގެ ގޮތުގައި ކަމަށެވެ. މި ޖަލްސާގައި އެކަމަނާ ވަނީ "ކޮމިއުނިޓީ ސަރވިސް ޓޫލް ކިޓް" އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، އެކި ބެޖްތަކާއި ސާވިސް އެވޯޑްތައްވެސް ބައެއް ފަރާތްތަކާ ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢުއާއި، އެ ވުޒާރާގެ އިސްވެރިންނާއި، ކުރީގެ ޗީފް ގައިޑް ފަޒްނާ އަޙްމަދާއި، ވެގްސްގެ އޭޝިއާ ޕެސިފިކް ރީޖަންގެ ކޮމިޓީގެ ޗެއަރ، ނިޢުމަތު ޝަފީޤުގެ އިތުރުން ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ މެންބަރުންނާއި، މިހާރުގެ އޮފިޝަލުންނާއި ގައިޑް ހަރަކާތުގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހަނދާނީ ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ޙަރަކާތަކީ 1951 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ޙަރަކާތެކެވެ. މިއަދު މި ޙަރަކާތް ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށަށް ފުޅާވެ، 14،000 އަށްވުރެ ގިނަ މެންބަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.


