މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ނެރުނު ބަޔާނެއްގައި، އެފަދަ ޢަމަލުތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ ދަށުން ޚާއްޞަ ރައްކާތެރިކަމާއި އިޚްތިރާމް ލިބިގެންވާ ބައެއްކަން ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ. މީގެ އިތުރުން، އިޖުތިމާޢީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ލިބުމަކީ އެމީހުންނަށް ލިބިގެންވާ އަސާސީ ޙައްޤެކެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މީސްމީޑިއާގައި މިފަދަ ނޭދެވޭ ކަންކަން އާންމުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. އަދި މީގެ ސަބަބުން މުޖުތަމައުގެ ތެރެއަށް ނުކުމެ އުޅުމަށް އެފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންކަމުން، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.






