ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ހޮސްޕިޓަލުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު jobs@hmh.gov.mv އަށް އީމެއިލް ކުރަންޖެހޭނެއެވެ. ކަނޑައެޅިފައިވާ ޖާގައަށްވުރެ އިތުރަށް ކުދިން ކުރިމަތިލައިފިނަމަ، އިސްކަންދޭނީ އެމްބީބީއެސް ނިންމި ފަހުން އެންމެ ގިނަ ދުވަސްވީ ފަރާތްތަކަށާއި އީމެއިލް ފޮނުވި ތަރުތީބަށް ބަލައިގެންނެވެ.
ބޭރުން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އަމަލީ ތަޖުރިބާ ހޯދުމަކީ ކުރިން ބޮޑު ގޮންޖެހުމެއް ނަމަވެސް، މިހާރު ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުން މި ޕްރޮގްރާމް ދަނީ ހިންގަމުންނެވެ. މީގެ ސަބަބުން ސިއްޚީ ދާއިރާއަށް ނުކުންނަ ޑޮކްޓަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރިވެ، ހޮސްޕިޓަލްތަކުގެ މެޑިކަލް އެޑިއުކޭޝަންގެ ފެންވަރު މަތިވެގެންދެއެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.






