ވަޓްސްއެޕްގައި އަލަށް ތައާރަފުކުރަން އުޅޭ 'ޔޫޒަރނޭމް' ފީޗާ އިންޑިއާގައި ބޭނުންކުރުން ފަސްކުރުމަށް، އެޕްލިކޭޝަންގެ ބެލެނިވެރި ކުންފުނި މެޓާއަށް އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ރަސްމީ ނޯޓިހެއް ފޮނުވައިފިއެވެ. ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތައް ނިމެންދެން މި ފީޗާ މަޑުޖައްސާލަން އެންގުމުގެ އިތުރުން، މީގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ތަފުސީލީ ރިޕޯޓެއް ތިން ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް މެޓާއަށް ވަނީ އަންގައިފައެވެ.
އިންޑިއާގެ ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުންނާއި އޮފިޝަލުން ކަންބޮޑުވުން ފާޅުކުރާ ގޮތުގައި، ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް ބޭނުންކޮށްގެން މުއާމަލާތްކުރެވޭ ގޮތް ހެދުމުން، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމާއި، ފިޝިން އަދި ޑިޖިޓަލް އެރެސްޓް ސްކޭމް ފަދަ ކުށްތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި ކުށްކުރާ ފަރާތްތައް ހޯދުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހުރަސްތަކެއް ކުރިމަތިވުމުގެ އިތުރުން، މެސެޖިން އެޕްލިކޭޝަންތައް ސިމް ކާޑާ ގުޅުވާފައި ބެހެއްޓުމަށް އިންޑިއާގެ ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް އިން ކުރާ އެންގުމާވެސް މި ފީޗާ ފުށުއަރައެވެ.
މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނު ވިދާޅުވީ، މި ފީޗާ އަދި ރަސްމީކޮށް ތައާރަފުނުކުރާ ކަމަށާއި، މިއީ ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކުރުމަށް ގެނެވޭ ބަދަލެއް ކަމަށެވެ. އަދި މަޝްހޫރު ފަރާތްތަކާއި ސަރުކާރު އިދާރާތަކުގެ ނަންތައް ނަކަލު ނުކުރެވޭނެ ގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި، އާ އެކައުންޓުތަކުން މެސެޖުކުރާ މިންވަރު ކޮންޓްރޯލް ކުރެވޭނެ ނިޒާމެއްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން މިހާރު އަންނަނީ މެޓާއިން ހުށަހަޅާ ތަފުސީލުތަކަށް ބަލައި، މި ފީޗާ އެ ޤާއުމުގެ އައިޓީ ގާނޫނުތަކާ ފުށުއަރާތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.


