Saturday, November 7
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ނެރެފިއެވެ.

އެއީ "ޒަކާތާއި އަޤީދާ" އާއި، "ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު" އާއި، "ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީއުޅޭ މީހުންގެ ސިފަތައް" އަދި "ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ" އެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އިފްތިތާޙުކޮށްދެއްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މިއަދު ނެރުނު ހަތަރު ފޮތް އެމަނިކުފާނަށް އަރުވައިފައެވެ.

މީގެ އިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސަށް ވަނީ އަރުވައިފައެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ކުރިއަށްދާނީ ޖުލައި 2އިން 4އަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، މިހާރު ހުޅުވާލެވިފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒް ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހުރިހާ ބައިވެރިންގެ މެދުގައި އެކްސްޕޯ ނިމުމުން ނެގޭ ގްރޭންޑް ޕްރައިޒް ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ. މީގެ އިތުރުން ޒަކާތާ ގުޅޭ ހިލޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސްތައް ވެސް ސްޓޯލުން ލިބެން ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު