މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ޕްރައިވެޓް ސެކްޓަރގެ ދެ މެންބަރަކު ހޯދަން އިޢުލާންކޮށްފިއެވެ.
ޕެންޝަން އޮފީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އުސޫލު ނަންބަރު: 17-G/2026 (ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާބެހޭ އުސޫލު) އާ އެއްގޮތަށް ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުޠުތައް:
ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ އިތުރުން، ކުރިމަތިލާ ފަރާތަކީ:
- އުމުރުން 35 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން.
- ޕެންޝަން، މާލީ، އިންވެސްޓްމަންޓް، އިޤްތިޞާދީ ނުވަތަ ޤާނޫނީ ފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ވައްކަން، ޚިޔާނާތް ނުވަތަ ކޮރަޕްޝަން ފަދަ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ސިޔާސީ މަޤާމެއް ފުރަމުންދާ ފަރާތަކަށް ނުވުން (ސިޔާސީ މަޤާމަކުން ނުވަތަ ޕާޓީއަކުން ވަކިވިތާ 1 އަހަރު ވެފައިވުން).
- ޕްރައިވެޓް ސެކްޓަރގައި މަދުވެގެން 1 އަހަރު މެދުނުކެނޑި މަސައްކަތް ކުރަމުންދާ ފަރާތަކަށް ވުން.
- ދައުލަތުގެ ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން.
މީގެ އިތުރުން، ބޯޑުގެ އެހެން މެންބަރަކާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުން އޮތް ފަރާތްތަކަށް މި މަޤާމަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއެވެ.
ޕެންޝަން އޮފީހުން ވަނީ މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއެކު 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.


