ނިމިދިޔަ އަހަރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރު (2024) ލިބުނު 181 މިލިއަން ރުފިޔާގެ ފައިދާއާ އަޅާބަލާއިރު ގާތްގަނޑަކަށް 30 އިންސައްތައިގެ އިތުރުވުމެކެވެ. ކުންފުނީގެ ފައިދާ މިހާ ބޮޑަށް އިތުރުވީ އާމްދަނީ އިތުރުވުމުގެ އިތުރުން، ދަރަންޏަށް ކުރި ހޭދަ އާއި ހިންގުމުގެ ޚަރަދުތައް ކުޑަކުރެވުމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބުނުއިރު، އެ އާމްދަނީ ހޯދުމަށް ކުރި ޚަރަދަކީ 2.6 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމާއި އެޑްމިނިސްޓްރޭޓިވް ކަންކަމަށް ކުރި ހޭދަ 15 އިންސައްތަ ދަށްވެފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި ހިންގުމުގެ ޚަރަދުތަކަށް ހޭދަވީ 392 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް ކުރި ހޭދަވެސް ވަނީ 150 މިލިއަނުން 140 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
ނަމަވެސް، ކުންފުނީގެ ބައެއް ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ތެލުގެ ޚަރަދުތަކަށް މިދިޔަ އަހަރު 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ. އެންމެ ބޮޑު އިތުރުވުމެއް އައީ ރިޓަޔަމެންޓް ބެނެފިޓަށެވެ. އެގޮތުން ކުންފުނިން ރިޓަޔާކުރި މީހުންގެ އިނާޔަތްތަކަށް ކުރި ހޭދަ 300 އިންސައްތަ އިތުރުވެ، ކުރީ އަހަރުގެ 5 މިލިއަނުން މިދިޔަ އަހަރު ވަނީ 20 މިލިއަން ރުފިޔާއަށް މަތިވެފައެވެ.


