އަބާ ގެ ޓްރިބިއުޓް ބޭންޑެއް ކަމަށްވާ "ބިޔޯން އެގެއިން" ގެ ޝޯއެއް ޖުލައި 30 ގައި މާލޭގައި ބޭވުމަށްވަނީ ހަމަޖެހިފައެވެ. މި ޝޯ އިންތިޒާމުކުރާ ޔޫބާ އިވެންޓްސް އިން ފާހަގަކުރާ ގޮތުގައި، މިއީ އަބާގެ ލަވަތަކެކޭ އެއްފަދައިން ހުރިހާ ޖީލެއްގެ ފޭނުންނަށްވެސް ބަލާލެވޭނެ، މުޅި އާއިލާއަށް ބައިވެރިވެވޭނެ ފަދަ ޝޯއެކެވެ. ރޭގަނޑު 8:00 އިން 11:00 އަށް ކުރިއަށްދާ މި އިވެންޓުގައި ބޭނުންކުރާނީ މާޒީގެ ތެރެއަށް ގެންގޮސްދޭނެ ފަދަ ރީތި މިއުޒިކްތަކެކެވެ.
"ބިޔޯން އެގެއިން" އަކީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އަބާ ޓްރިބިއުޓް ބޭންޑެވެ. އޮސްޓްރޭލިއާގެ މެލްބަންގައި 1988 ވަނަ އަހަރު އުފެދުނު މި ބޭންޑު މިހާތަނަށް ދުނިޔޭގެ 120 އަށްވުރެ ގިނަ ޤައުމެއްގައި ހުށަހަޅައިދީ، ބައިނަލްއަގްވާމީ ފާޑުކިޔުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ހޯދާފައެވެ. ދުނިޔޭގައި ބޭއްވޭ އެންމެ މުނިފޫހިފިލުވައިދޭ ޝޯތަކުގެ ތެރޭގައި ހިމެނޭ މި ބޭންޑުން އަބާ ގެ އެންމެ މަގުބޫލު ލަވަތައް ދައްކާލަނީ ދުނިޔޭގެ ފެންވަރުގެ ކުލަގަދަ ހުށަހެޅުންތަކަކާއެކުގައެވެ. އަބާ ގެ ޒަމާންވީ މިއުޒިކަކީ ތައާރަފަކަށް ބޭނުންވާނެ އެއްޗެއް ނޫން ކަމަށްވާއިރު، އެ ބޭންޑުގެ އަސްލާ އެންމެ އެއްގޮތްކޮށް ހުށަހަޅައިދޭ ހަމައެކަނި ބޭންޑަކީވެސް މިއީއެވެ. މި ބޭންޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަބާގެ ފޭނުންނަށް މިއުޒިކް ހުށަހަޅައިދޭތާ މިހާރު 38 އަހަރު ވެފައިވާއިރު، މި ބޭންޑަކީ އަބާ ބޭންޑުގެ އަމިއްލަ އެންޑޯސްމަންޓް ނުވަތަ ތާއީދުވެސް ލިބިފައިވާ ބޭންޑެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި 7000 އަށްވުރެ ގިނަ ޝޯ ދެއްކުމަށްފަހު، އެމީހުންގެ ދަތުރުގެ ދެން އޮތް މަންޒިލަކީ ދިވެހިރާއްޖެއެވެ.
ޔޫބާ އިވެންޓްސް އިން މިހާރު ވަނީ ލިމިޓެޑް "އާލީ ބާޑް" ޓިކެޓްތަކެއް ވިއްކަން ފަށާފައެވެ. އަދި ޓިކެޓްތައް ވަރަށް ހަލުވިކަމާއެކު ވިކެމުންދާ ކަމަށް އެ ކުންފުނިން ރިޕޯޓްކުރެއެވެ. މި ޝޯގެ ޓިކެޓްތައް tickets.uber-events.com މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު ބުކްކޮށްލެވޭނެއެވެ. ލިމިޓެޑް ސްލޮޓްތައް ހުސްވަންދެން ލިބޭ މި އާލީ ބާޑް އޮފާގައި ފޭނުންނަށް ތިން ގޮތެއް އިޚްތިޔާރު ކުރެވެއެވެ. އެއީ ޚާއްސަ ސީޓުތަކާއި ވީއައިޕީ އިނާޔަތްތަކާއެކު ލިބޭ ވީއައިޕީ ޓިކެޓެއް ޖީއެސްޓީ ނުލައި 1310 ދިވެހި ރުފިޔާއަށް، ފުރަތަމަ ބުރީގެ އޯޕަން ސީޓިންގް ހިމެނޭ ބްލީޗާސް ޓިކެޓެއް ޖީއެސްޓީ ނުލައި 990 ދިވެހި ރުފިޔާއަށް، އަދި ގްރައުންޑް ފްލޯގެ ކޯޓު ސަރަހައްދުން ލިބޭ ސްޓޭންޑިންގް ޓިކެޓެއް ޖީއެސްޓީ ނުލައި 690 ދިވެހި ރުފިޔާއަށެވެ.


