ވޯލްޑް ބޭންކުގެ އެހީގައި ހިންގި "ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" ގެ ގިނަ މަސައްކަތްތަކެއް ނިންމާލައިފިއެވެ.
ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ދީފައިވާ 17.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކުރިއަށްގެންދިޔަ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ރިޕޯޓުގެ މައިގަނޑު ބޭނުމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދިޔަ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" ގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާއި، އޭގެ މާލީ ހިސާބުތަކާއި، މަޝްރޫއު ހިންގުމުގައި ދިމާވި ގޮންޖެހުންތައް ބަލައި ވަޒަންކުރުމެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި 2017 ވަނަ އަހަރު ފެށި މި މަޝްރޫއު މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގެ ނިޔަލަށް ނިންމާލާފައިވާއިރު، ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެހެންނަމަވެސް، މުހިންމު ބައެއް ލަނޑުދަނޑިތައް ހާސިލުވެފައިވީ ނަމަވެސް، ބަޖެޓުގެ ދަތިކަމާއި އެކި ގޮންޖެހުންތަކާ ހުރެ ބައެއް މަސައްކަތްތައް ނުނިމި ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ހާސިލުކުރެވުނު މުހިންމު ކަންކަމަށް ބަލާއިރު، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހުންނަ ކުނި އަންދާ މެޝިން (އިންސިނަރޭޓާ) ގެ މަރާމާތުތައް ނިންމައި، ލޭންޑްފިލް ލައިނާ އަދި ލީޗޭޓް މެނޭޖްމަންޓް ސިސްޓަމް ވަނީ ރަނގަޅުކޮށްފައެވެ. ނަމަވެސް، ސަރުކާރުން ބޮޑު ކެޕިޓަލް ހަރަދެއް ކުރަންޖެހޭތީ ބަޖެޓުގެ ދަތިކަމާ ހުރެ ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ މަސައްކަތް ކުރިއަށް ނުދިއުމުން، 24 ގަޑިއިރު މެދުނުކެނޑި އިންސިނަރޭޓަރު ހިންގުމުގެ އަމާޒަށް ވާސިލުވެވިފައެއް ނުވެއެވެ.
މީގެއިތުރުން، ކުނި ކޮންޓްރޯލް ކުރުމަށް ޒޯން 4 އަދި 5 ގައި ކުރިއަށްގެންދިޔަ ބަޔޯ-ޓްރީޓްމަންޓް ޕައިލެޓް މަޝްރޫއުގެ ހުރިހާ އިކުއިޕްމަންޓްތަކެއް ރަށްރަށަށް ފޯރުކޮށްދީ، އިންސްޓޯލްކޮށް ތަމްރީނުތައް ނިންމާފައިވީ ނަމަވެސް، ލ. މާމެންދޫގައި މި ނިޒާމު ހިންގުމަށް ބޭނުންވާ މައި ކަރަންޓް ނެޓްވޯކް ގާއިމުކުރުމަކީ މަޝްރޫއުގެ ދާއިރާއިން ބޭރު ކަމަކަށްވާތީ، މިދިޔަ ޖޫންއާ ހަމައަށްވެސް އެރަށުގައި މި ހިދުމަތް ނުފެށި އޮތްކަން ރިޕޯޓްގައިވެއެވެ.
އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އޮޓޯކްލޭވް މެޝިންތައް ގަނެ ހެލްތު މިނިސްޓްރީއާ ހަވާލުކުރެވުނު ނަމަވެސް، ބައެއް ރަށްރަށުގައި އެކަށީގެންވާ އުމްރާނީ ވަސީލަތްތައް ނެތުމުން ބައެއް މެޝިންތައް އަދިވެސް ބޭނުންކުރަން ނުފެށެއެވެ.
މަދަނީ މަސައްކަތްތައް ލަސްވުމާއި މަޝްރޫއު ނިމުމަކަށް އައުމާ ގުޅިގެން ދ. މާއެނބޫދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ ކޮންޓްރެކްޓާއި ވަންދޫ ވެއިން ބްރިޖްގެ ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ. މި ދެ މަސައްކަތުގެ ބާކީ ބައި ދެން ކުރިއަށްގެންދާނީ ދައުލަތުގެ ބަޖެޓުންނެވެ.
މާލީ ގޮތުން ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް ޕްރޮޖެކްޓް ބޭންކް އެކައުންޓްގައި 757,544 ޑޮލަރު ހުރިއިރު، ޓެކްސްގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ 65,631 ޑޮލަރު ހުއްޓެވެ. އޮޑިޓް ރިޕޯޓުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ، މަޝްރޫއު ނިމުނުއިރު ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ވަންދޫ ފަދަ މަރުކަޒުތައް ހިންގުމަކީ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.


