ޕާކިސްތާނުގެ ލާހޯރު ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅު ވެއްޓި، އޭގެ ދަށުވެ 14 ކުދިން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ލާހޯރުގެ ރަށެއް ކަމަށްވާ ކާނާގައި ހުންނަ އަމިއްލަ ޓިއުޝަން ސެންޓަރެއްގައެވެ. ހާދިސާ ހިނގި ސަރަހައްދުން ސަލާމަތްކޮށްގެން ގެންދިޔަ ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިން ހިމެނެއެވެ.
އެމަޖެންސީ ސާވިސް "ރެސްކިއު 1122" ގެ ތަރުޖަމާނު ފާރޫގް އަހުމަދު ބުނި ގޮތުގައި އެ ފަރާތަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 16:45 ގައެވެ. އޭނާ ބުނި ގޮތުގައި ސަލާމަތްކުރުމުގެ މަސައްކަތް އެއް ގަޑިއިރު ތެރޭގައި ނިންމާލެވިފައިވާއިރު، އެތަނުން ފެނުނު ގިނަ ކުދިންގެ އުމުރަކީ 7 އަހަރާއި 11 އަހަރާ ދެމެދެވެ. މި ހާދިސާގައި އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ބެލެވެއެވެ.
އަނިޔާލިބުނު ކުދިންގެ ތެރޭގައި ހިމެނޭ ކަމަށް ބުނި ބެލެނިވެރިޔެއް ބުނި ގޮތުގައި އެ އިމާރާތުގެ ފުރާޅު ހުރީ ވަރަށް ބަލިކަށި ހާލަތެއްގައެވެ. އަދި އުމުރުން 45 އަހަރުގެ ޒަހީރު ނިއުސް އެޖެންސީއަށް ބުނި ގޮތުގައި ކުދިން ކިޔަވަން ތިއްބާ، ފުރާޅުގައި ހުރި މުށިތައް މަރާމާތު ކުރުމުގެ މަސައްކަތެއް ދިޔައީ ކުރަމުންނެވެ. ކުއްލިއަކަށް ގިނަ އަދަދެއްގެ ކުދިންގެ ބޮލަށް ފުރާޅު ވެއްޓުނީކަމަށާއި، އެމީހުން ފުރާޅުގެ މައްޗަށް މާ ބޮޑަށް ބަރު ބޭއްވުމުގެ ސަބަބުން ދިމާވި ޙާދިސާއެއްކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ތަޢުޒިޔާގެ މެސެގެއް ނެރުއްވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު މެސެޖުގައި ވަނީ އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރައްވާ ކަމަށާއި، އެމީހުންނަށް ބޭނުންވާ ހުރިހާ ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
އިމާރާތް ވެއްޓުނު މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށާފައިވާއިރު، ފެށުމުގެ ގޮތުން ކުރި ތަހުގީގުގެ ތެރެއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


