ތަރައްޤީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) އދ. ގެ ނިޒާމުގެ ތެރެއިން ދެވޭ އެހީތެރިކަން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން، އެންވަޔަރަންމަންޓް މިނިސްޓަރު އަލީ ޝަރީފް، އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަމާ ބެހޭ އެންޑަރ-ސެކްރެޓަރީ ޖެނެރަލް މިސްޓަރ ލީ ޖުންހުއާ އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާ މިންވަރުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު އަލީ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އޮނިގަނޑުގައި ހުންނަ ނާޒުކުކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް، 'މަލްޓިޑައިމެންޝަނަލް ވުލްނަރަބިލިޓީ އިންޑެކްސް' (އެމް.ވީ.އައި) ފަދަ މިންގަނޑުތަކަށް ބަލައިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ، ސިޑްސްގެ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިފަދަ އިންޑެކްސްތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިވާ ތަފާތު ނާޒުކު ހާލަތްތައް ދެނެގަނެވި، އެ ގައުމުތަކަށް ހައްގުވާ މިންވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.


