Wednesday, October 21
އައިސޮލޭޝަން ފެސިލިޓީއެއް ނެތުމުން ހިމަބިހި ކޮންޓްރޯލްކުރުމަށް ބޮޑު ގޮންޖެހުމެއް!
މާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާއިރު، ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައްޔަށް ޕޮޒިޓިވްވާ މީހުން އެކަހެރިކުރާނެ ޚާއްސަ އައިސޮލޭޝަން ފެސިލިޓީއެއް މިވަގުތު ނެތުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ސަނާ ސަލީމް ވިދާޅުވީ، ބަލިޖެހޭ މީހުން އެކަހެރިކޮށް ފަރުވާ ދެވޭނެ ވަކި މަރުކަޒެއް ނެތުމަކީ މިވަގުތު ކުރިމަތިވެފައިވާ ބޮޑު ދަތިކަމެއް ކަމަށެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ހިމަބިހި ޖެހޭ މީހުން އެކަހެރި ކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ ރައްކާތެރި އަދި އެންމެ މުހިންމު ފިޔަވަޅެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ޕޮލިސީ ލެވެލްގައި މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިން ކޮވިޑް-19 ގެ ދުވަސްވަރު ބޭނުންކުރި ހުޅުމާލޭގެ "އޮރެންޖު ހިޔާ" ފަދަ ތަންތަން އަލުން ތައްޔާރުކޮށް، ހޮސްޕިޓަލަކާ ގުޅިގެން އެ ތަންތަން އަޕްގްރޭޑް ކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުން ވަކި ރޫމްތަކެއް އައިސޮލޭޝަންއަށް ޚާއްސަ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ހިމަބިހީގެ 66 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި 13 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ބަލި މީހުންނާ ބައްދަލުވި އެކްޓިވް ކޮންޓެކްޓުންގެ އަދަދު ވަނީ 258 އަށް އަރާފައެވެ.

ހިމަބިއްސަކީ ވައިގެ ތެރޭގައި ވައިރަސް ގިނައިރު ވަންދެން ދެމިހުންނަ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ވައިރަސް، އެ މީހަކު ދިޔުމަށްފަހު ވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުރެއެވެ. ވެކްސިން ނުޖަހާ އާބާދީއެއްގައި ނަމަ، އެކަކުގެ ފަރާތުން ގާތްގަނޑަކަށް 18 މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. ބަލީގެ އަލާމާތްތައް ފެންނަން ހަތް ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާއިރު، ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މުއްދަތަކީ ގާތްގަނޑަކަށް ނުވަ ދުވަހެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވުމުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގާ ކޮންމެ މީހަކުވެސް ބައްޔަށް ޓެސްޓުކުރުމަށް ސަވައިލަންސް ނިޒާމު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އެމް.އާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބަލިޖެހުމުގެ ފުރުސަތު 97 އިންސައްތައަށް ކުޑަކޮށްދެއެވެ. ނަމަވެސް ވެކްސިން ޖެހުމާ ދެކޮޅު މީހުން އުޅުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތްތައް ފެންނަ ނަމަ މާސްކު އެޅުމާއި، އެކަހެރިވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު