ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 2026 ޖުލައި 1 އިން 16 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
ރަކީދޫ އ.ތ.މ ކޮމިޓީގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ، ސުންނަތް ޖަމާޢަތުގެ މުސްލިމް ދިވެހި ރައްޔިތުން ކަމުގައި ވާންޖެހެއެވެ. މީގެ އިތުރުން ޖިނާއީ ކުށެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސާބިތު ދަރަންޏެއް އޮތްނަމަ ޙުކުމާ އެއްގޮތަށް ދައްކަމުންދާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭނީ އީސީގެ "މައި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށެވެ. ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީ، ކެންޑިޑޭޓުގެ އިޤުރާރު، ކުށާއި ދަރަނީގެ ރެކޯޑު، އަދި އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 1,500 ރުފިޔާ ހިމެނެއެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކުރާނަމަ ޕާޓީގެ ޤަރާރު ބޭނުންވާނެއެވެ. އަދި ރެކޯޑަކީ 2026 ޖުލައި 1 ގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެ ކަމަށް އީސީން ބުނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ 2026 އޮގަސްޓު 22 ވާ ހޮނިހިރު ދުވަހުއެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 24 ވަނަ ދުވަހުއެވެ.


