މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ތާރުއެޅުމަށް ބޭނުންވާ ތައްޔާރީތައް ނިމި، އަންނަ ހަފުތާގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތާރުއެޅުމަށް ބޭނުންވާ މެޝިނަރީޒް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަޝްރޫޢުގެ ހަތަރުވަނަ އަދި ފަސްވަނަ ސެގްމަންޓުގެ ސަބް-ބޭސް މަސައްކަތްތައް 2 ޖުލައި 2026 ގައި ފަށާނެ ކަމަށާއި، އޭގެ ފަހުން އެގްރިގޭޓް ބޭސް ކޯސް އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގައި ޖަހަންޖެހޭ ޝީޓް ޕައިލްތަކުގެ ބާކީ ހުރި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އަންނަ ހަފުތާގެ ކުރީކޮޅު އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޓީސީސީން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ދުވާރު ހެދުމާއި، ޕާކިންގ ޒޯންތަކުގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތްތައްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދެއެވެ. އަދި އެއްގަމު ތޮށީގެ އެންމެ ފަހުގެ މަސައްކަތްތައް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަކީ މާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށާއި، ބަނދަރު ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.


