އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައި (ޔޫސުފް) އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުށް ސާބިތުވެ، ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.
މި މައްސަލައިގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވި މާވިން އުމުރަށް، ނުވަތަ 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި އަމަލުގައި ބައިވެރިވިކަން ސާބިތުވި ލަމްހާގެ މައްޗަށް އިއްވީ ޖުމްލަ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ލަމްހާ މިހާތަނަށް ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒު ކުރަންޖެހޭ އަދަބުން އެ މުއްދަތު އުނިވާނެއެވެ.
މިއަދުގެ ޝަރީއަތުގައި އަދަބާ މެދު ވާހަކަދައްކަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މާވިންއަކީ މޭރީގެ ފިރިމީހާ އަދި އޭނާގެ ދަރީގެ ބައްޕައަށް ވެފައި، ދެމީހުންނަކީވެސް ނަރުހުން ކަމަށްވާއިރު، މޭރީ މަރާލުމުގެ އަމަލު ހިންގާފައިވަނީ އެއްވެސް ރަހުމެއް، ކުލުނެއް އަދި ހަމްދަރުދީއެއް ނެތި ދުރާލާ ރާވައިގެން ކަމަށެވެ. އަދި މި ނާތަހުޒީބު އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެ، ބޭރު ޤައުމެއްގައި ނިކަމެތިވެފައިވާ ކަމަށް ބުނެ ދައުލަތުން އެދުނީ މާވިންއަށް ދެވޭނެ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ފުރުސަތު ދިނުމުން މާވިން ބުނީ އެއްވެސް ވާހަކައެއް ދައްކަން ނެތް ކަމަށެވެ.
ލަމްހާގެ ފަރާތުން އޭނާގެ އެކަނިވެރި މަންމައަށް އެހީތެރިވުމަށާއި، އޭނާއަކީ ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދޭނެ މީހަކަށް ވާތީ ޖަލު އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދުނެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ އަދަބު ލުއިކޮށްދޭންޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތްކަމާއި، ކުށުގައި އޭނާ އެންމެ މަތީ ދަރަޖައަށް ބައިވެރިވި މިންވަރު ބޮޑުވުމުގެ އިތުރުން މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އަދަބުގެ ދަރަޖަ މަތިކުރަންޖެހޭ ކަމަށެވެ.
އެގޮތުން ލަމްހާގެ މައްޗަށް ކުރި ތިން ދައުވާގެ ތެރެއިން، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް 15 އަހަރު، އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ކުށަށް ތިން މަސް، އަދި ހުއްދަ ނުނަގާ ކަމެއް ކުރުމުގެ ކުށަށް އެއް މަހުގެ ޖަލު ހުކުމެއް ގާޒީ އިއްވެވިއެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިން މޭރީ މަރާލި ވަގުތު، ކުށަށް މަގުފަހިކުރުމުގެ ގޮތުން މޭރީގެ ދަރިފުޅު ގޮވައިގެން އެހެން ގެއަކަށް ދިޔައީވެސް ލަމްހާއެވެ.
މޭރީގެ ހަށިގަނޑު ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުތަކެއް ހުރުމުން މާވިން ހައްޔަރުކުރީ އެ މަހުގެ 27 ގައެވެ. އަދި މި މަރު ފޮރުވަން އެހީތެރިވި ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.


