މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން، އިސްލާމީ އަސާސްތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ބޯލެނބުމަށް ރާއްޖޭގައި ހަރަކާތްތެރިވާ އެންމެހައި ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުން އަދި ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.
މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން އަދި ނޫސްތަކާއި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް، ޒިންމާދާރުކަމާއެކު ބްރޯޑްކާސްޓްކޮށް، ރީބްރޯޑްކާސްޓްކުރުމަށާއި، އަދި ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ޚާއްޞަކޮށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވެފައިވާ މިދަނޑިވަޅުގައި މެޗުތައް ދުރަށް ފޮނުވަމުންދާއިރު، އަޚްލާޤީ މިންގަނޑާއި ޚިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ސަމާލުވުމަށާއި، ޚަބަރާއި މަޢުލޫމާތު ގެނެސްދޭއިރުވެސް އިސްލާމްދީނާއި، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑާއި އެއްގޮތްވާގޮތުގެ މަތީން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް އެންމެހައި ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.


