މިހާރުވެސް ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުތައް ހުރީ ހިންގުމުގެ ޚަރަދަށްވުރެ ބޮޑުކޮށް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެ، ބައިނަލްއަޤުވާމީ އުދުހުންތަކުގެ އަގުތައް 30 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް މަތިންދާބޯޓުތަކުގެ ޓިކެޓް އަގު ބޮޑުވި ނަމަވެސް، ރާއްޖޭގައި ޓިކެޓް އަގުބޮޑުނުކޮށް ހިފަހައްޓާފައިވަނީ އާއްމުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ޚާއްސަ ސިޔާސަތުގެ ދަށުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކާ އެއްގޮތަށް، ޚަރަދުތައް އެހެން ގޮތްގޮތަށް މެނޭޖްކޮށްގެން މިހާތަނަށްވެސް އަގުތައް އެއްވަރެއްގައި ހިފަހައްޓާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓުތަކަކީ ބައިނަލްއަޤުވާމީ ގޮތުން ބަލާއިރު ރައްކާތެރިކަން ބޮޑު، ފެންވަރު ރަނގަޅު ބޯޓުތަކަކަށް ވުމާއެކު، އެ ބޯޓުތައް އޮޕަރޭޓްކުރުމަށް ބޮޑު ޚަރަދެއް ހިނގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިފަދަ ބޯޓުތައް ބޭނުންކުރަނީ ކަސްޓަމަރުންނަށް ވީހާވެސް ފުރިހަމަ އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.






