Wednesday, October 21
މާލެއިން ފުރި ކާގޯ ބޯޓެއް އަޑިއަށްދަނިކޮށް އިންޑިއާ ކޯސްޓް ގާޑުން ސަލާމަތްކޮށްފި!
މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންއަށް ދަތުރުކުރި ކޮމޯރޯސްގެ ދިދާގައިވާ "އެމްވީ ސިއްތާ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ބައެއް ކޮމްޕާޓްމަންޓުތައް ފޫގޮސް، ބޯޓު އަޑިއަށް ދާން ފެށުމުން އިންޑިއާގެ ކޯސްޓް ގާޑުން ހާއްސަ އޮޕަރޭޝަނެއް ހިންގައި އެ ބޯޓު ސަލާމަތްކޮށްފިއެވެ. އިންޑިއާގެ ކޯސްޓު ގާޑުން ހާމަކުރި ގޮތުގައި އެ ބޯޓުން އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޓެމިލް ނާޑޫގެ ޓިރުޗެންދޫރާ ދިމާލު ބޭރުން ދަތުރުކުރަނިކޮށް ދިޔަވާން ފެށުމުންނެވެ. އެހީއަށް އެދުމާ އެކު އިންޑިއާގެ ކޯސްޓް ގާޑް ޝިޕް "އަތުލްޔާ" ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އެގޮތުން ކޯސްޓް ގާޑުގެ ހާއްސަ ބޯޑިން ޓީމަކުން ބޯޓަށް އަރައި، ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ ގުޅިގެން ބޯޓަށް ދިޔަވަމުން ދިޔަ ދިމާތައް ބައްދައި، ބޯޓުން ދިޔަ ހިއްކައިގެން ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. އިންޑިއާ ކޯސްޓް ގާޑުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބޯޓުގެ އެންމެ އެތެރޭގެ ބައިތަކަށް ދިޔަވަމުން ދިޔައިރު، ޕަމްޕު ޖަހައިގެން ދިޔަގަނޑު ހިންދުމަށް ކޯސްޓް ގާޑުގެ ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި ހާދިސާއަށްފަހު އެ ބޯޓު މިހާރު ވަނީ އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރަށް ދަތުރުކުރުމަށް ފޮނުވާލާފައެވެ. އިންޑިއާ ކޯސްޓް ގާޑުން ބުނި ގޮތުގައި އެ ބަނދަރުގައި ބޯޓަށް ލިބިފައިވާ ގެއްލުންތައް ރަނގަޅަށް މަރާމާތު ކުރުމުގެ ފުރުސަތު ބޯޓަށް ލިބިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު