Wednesday, October 21
ވަޓްސްއެޕްގެ އާ ފީޗާއާއެކު ނަންބަރު ސިއްރުކޮށްލެވެނީ!
ދުނިޔޭގައި އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕުން، ފޯނު ނަންބަރު ސިއްރުކޮށްގެން މީހުންނާ މުއާމަލާތް ކުރެވޭ ގޮތަށް ތައާރަފްކުރާ "ޔޫޒާނޭމް" ފީޗާ ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން، ބޭނުންވާ ނަންތައް ރިޒާވްކުރުމުގެ ފުރުސަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭން ފަށައިފިއެވެ. މިއީ މިއަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ފީޗާއެއް ނަމަވެސް، ތިމާ ބޭނުންވާ ޚާއްސަ ނަމެއް ނުވަތަ އައިޑީއެއް އެހެން މީހަކު ނެގުމުގެ ކުރިން ރައްކާތެރިކުރުމުގެ ފުރުސަތު މިހާރު ވަނީ ޔޫޒަރުންނަށް ހުޅުވާލާފައެވެ. މި ފީޗާ ލޯންޗުވުމުން، އާ މީހުންނާ ވާހަކަދައްކާއިރު ފޯނު ނަންބަރުގެ ބަދަލުގައި ހަމައެކަނި ޔޫޒާނޭމް ހިއްސާކޮށްލުމުން ފުދޭނެއެވެ.

މެޓާ ކުންފުނިން ހާމަކުރި ގޮތުގައި މިއީ ސޯޝަލް މީޑިއާ އައިޑެންޓިޓީއަކަށް ވުރެ ބޮޑަށް، ޔޫޒަރުންގެ ޒާތީ މައުލޫމާތު ނުވަތަ ޕްރައިވެސީ ރައްކާތެރިކުރުމަށްޓަކައި ތަޢާރަފްކުރާ ފީޗާއެކެވެ. އެހެން ޕްލެޓްފޯމްތަކާ ޚިލާފަށް ވަޓްސްއެޕްގައި ޔޫޒާނޭމްތައް ހޯދޭނެ އާންމު ޑައިރެކްޓަރީއެއް ނުވަތަ ސަޖެސްޝަންތަކެއް ނުހުންނާނެއެވެ. އެހެންކަމުން، މީހަކު ތިމާއަށް މެސެޖުކުރަން ބޭނުންނަމަ، ތިމާގެ ޔޫޒާނޭމް ސީދާ އެމީހަކަށް އެނގެން މަޖުބޫރުވާނެއެވެ.

މި ފީޗާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން "ޔޫޒާނޭމް ކީ" ނުވަތަ ޕިން ނަމްބަރެއް ހިމެނުމުގެ އިޚްތިޔާރުވެސް ޔޫޒަރުންނަށް ލިބޭނެއެވެ. މީގެ ސަބަބުން، މީހަކު ފުރަތަމަ ފަހަރަށް ޔޫޒާނޭމް މެދުވެރިކޮށް ވާހަކަދައްކަން އުޅުނަސް، އެމީހަކަށް މެސެޖު ކުރެވޭނީ ތިމާ ކަނޑައަޅާފައިވާ ޚާއްސަ ކީ އެނގިގެންނެވެ. އަދި ބޭނުން ކޮންމެ ވަގުތަކު މި ކީ ބަދަލުވެސް ކޮށްލެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިން ބިލިއަނަށް ވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރަމުންދާއިރު، އެއް ނަމެއް ގިނަ ބަޔަކު ބޭނުންވެދާނެތީ ވަޓްސްއެޕުން ވަނީ ނަމެއް އިޚްތިޔާރުކުރަން ފަސޭހައަކަށް "ޔޫޒާނޭމް ޖެނެރޭޓަރެއް" ވެސް ހިމަނާފައެވެ. މީގެ އިތުރުން، ވިޔަފާރިތަކާއި ކްރިއޭޓަރުންނަށް އެމީހުންގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ހޭންޑްލްއާ އެއްގޮތަށް ޔޫޒާނޭމް ހޯދުމުގެ އިސްކަން ލިބިގެންދާނެއެވެ.

މިހާރު މި ފުރުސަތު މަޑުމަޑުން ޔޫޒަރުންނަށް ލިބެމުންދާއިރު، އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓް އަޅައިގެން ސެޓިންގްސްގެ އެކައުންޓް ބަޔަށް ގޮސް ޔޫޒާނޭމް ރިޒާވް ކުރެވޭނެއެވެ. ތިމާގެ އެކައުންޓަށް މި ފުރުސަތު ލިބުމުން ވަޓްސްއެޕް އެޕްލިކޭޝަން ތެރެއިން ނޮޓިފިކޭޝަނެއްގެ ޒަރީއާއިން އެކަން އަންގައިދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު