ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި އަދުހަމް މުހައްމަދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމް ހައި ކޯޓުން މިއަދު ވަނީ ދަމަހައްޓައިފަ އެވެ.
ޑިސެމްބަރު 2019 ގައި ހުޅުމާލޭގައި ހިނގި މި ހާދިސާގައި، އަދުހަމް ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލީ އެ ޓެކްސީގެ ފަހަތު ސީޓުގައި އިނދެ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. އެ މައްސަލާގައި 2023 ވަނަ އަހަރު ދަށު ކޯޓުން އިއްވި ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީ ހުކުމް އިއްވަވަމުން ވިދާޅުވި ގޮތުގައި، ގާސިމްގެ ކަރަށް ލިބިފައިވާ ފުން ޒަހަމްތަކަށް ބަލާއިރު އެއީ ގަސްތުގައި ދީފައިވާ ހަމަލާއެއްކަން އެނގެއެވެ. އަދި އަދުހަމް ވަނީ ދުރާލާ ވަޅިއެއް ހޯދައި، ފަސޭހައިން ފޭރެވޭނެ ފަދަ ދުވަސްވީ މީހަކަށް އަމާޒުކޮށްގެން އެ ކުށް ކުރުމަށް ރާވައި، ތައްޔާރުވެފަ އެވެ. ހަމަލާދިން ވަޅި އާއި އަދުހަމް ލައިގެން ހުރި ގަމީސް ފޮރުވާފައި ވަނިކޮށް ފުލުހުން އެތަކެތި ހޯދިއިރު، އެ ވަޅިން ގާސިމް އާއި އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.
އަދުހަމް ތަހުގީގުގައި ކުށަށް އިއުތިރާފުވުމަށްފަހު ފަހުން ކޯޓުގައި ދައުވާއަށް އިންކާރު ކުރި އެވެ. އޭނާ ބުނި ގޮތުގައި އިއުތިރާފުވީ ފުލުހުން މަސްތުވާތަކެތި ދީގެން މަސްތުގެ ހާލަތުގައި ހުރެގެންނެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ޝަރީއަތަށް ސާފުވެފައިވާއިރު، އަމިއްލަ އިހުތިޔާރުގައި މަސްތުވެގެން ހުއްޓަސް ކުށުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. ގާސިމްގެ ފަސް ދަރިންވެސް ކޯޓުގައި އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ. އަދުހަމް މާފަށް އެދުނު ނަމަވެސް އާއިލާއިން އޭނާއަށް މާފެއް ނުކުރެ އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ހުސައިން މަޒީދުގެ ތާއިދާއެކު ހައި ކޯޓުން މި ހުކުމް ދެމެހެއްޓި ނަމަވެސް، އަދުހަމްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު އެންމެ ފަހުން ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ވެސް މި ހުކުމް ދަމަހައްޓައިފިނަމައެވެ.


