Wednesday, October 21
ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ
ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ޤައުމީ އެއާލައިން މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މިއަހަރުގެ އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހު ފުރަތަމަ ޓާމްގެ އިމްތިހާންތައް ނިމި ސްކޫލްތައް ބަންދުވާއިރު، އަލުން ކިޔެވުން ފެށޭނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން ވަނީ ޖުލައި 10 އިން އޮގަސްޓް 4 ގެ ނިޔަލަށް އެތެރޭގެ އުދުހުންތައް އިތުރުކުރުމަށް ތާވަލުކޮށްފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި 320 އަށްވުރެ ގިނަ ފްލައިޓް އިތުރުކުރެވޭނެ ކަމަށާއި، މީގެ ސަބަބުން 18,000 ސީޓު އިތުރުވެގެންދާނެ ކަމަށް އެ އެއާލައިނުން ހާމަކުރެއެވެ.

މޯލްޑިވިއަންއިން ފާހަގަކުރި ގޮތުގައި، އިތުރުކުރާ ދަތުރުތަކާއެކު މުޅި ޗުއްޓީ ތެރޭގައި އެތެރޭގެ 2,000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރާނެއެވެ. މިއީ ޖުމަލް 110,000 އެއްހާ ސީޓުގެ ޖާގައެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ޖާގަ އިތުރުކޮށްދިނުމުގެ ގޮތުން ގަމަށާއި ހަނިމާދުއަށް ކުރާ ބައެއް ދަތުރުތަކުގައި އެއާބަސް A320 މަރުކާގެ ބޮޑެތި ބޯޓުތައް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ.

ޗުއްޓީ ދުވަސްވަރު ދަތުރުތަކަށް ބާރުބޮޑުވުމުން މޯލްޑިވިއަންއިން އަބަދުވެސް ދަތުރުތައް އިތުރުކުރެއެވެ. އެގޮތުން، ނިމިދިޔަ ބޮޑުއީދު ބަންދުގައިވެސް ތާވަލު ފްލައިޓްތަކުގެ އިތުރުން 200 އަށްވުރެ ގިނަ ދަތުރު އެ އެއާލައިނުން އިރުރު ކޮށްފައިވެއެވެ. އީދު ބަންދާއި ސްކޫލް ޗުއްޓީތަކާ ދިމާކޮށް ވައިގެ މަގުގެ އިތުރުން ގިނަ ބަޔަކު ކަނޑުމަގުން ލޯންޗުފަހަރާއި ބޯޓުތަކުގައިވެސް ރަށްރަށަށް ދަތުރުކުރެއެވެ. މިފަހަރުގެ ޓާމް ޗުއްޓީ ދިމާވަނީ ރާއްޖެއަށް ވިއްސާރަ ކުރާ ހުޅަނގު މޫސުމުގެ ދުވަސްވަރާ ކަމަށްވުމުން، ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުން މުހިންމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު